Tuesday, 28 July 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ: އަލް-ޖަޒީރާ

ޑޮލަރުގެ އަގު ތިިރިނުވަނީސް އަސާސީ ޚިދުމަތްތައް ފިޔަވައި އެހެން ޚަރަދުތައް ހުއްޓާލުމަށް ނަޝީދު ގޮވާލައްވައިފި

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ތިިރިނުވަނީސް، ސަރުކާރުން ކުރާ އަސާސީ ޚިދުމަތްތަކުގެ ޚަރަދުތައް ފިޔަވައި އެހެން ހުރިހާ ޚަރަދުތަކެއް ހުއްޓާލުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި، އުމްރާނީ ތަރައްޤީގެ ހުރިހާ މަސައްކަތްތަކެއް މިވަގުތަށް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަށްރަށުގައި މިހާރު ފެށިފައިވާ ނުނިމި ހުރި ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ނަޝީދު ލަފާދެއްވީ، އެ މަސައްކަތްތައް ރަށު ކައުންސިލްތަކާ ހަވާލުކުރުމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކައުންސިލްތަކުން ކްރޮސް ސަބްސިޑީގެ އުސޫލުން އަގު ދައްކައިގެން އެ މަސައްކަތްތައް ނިންމާލެވިދާނެއެވެ.

"ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ޚިދުމަތްތަކަށް ކުރާ ޚަރަދު ފިޔަވައި އެއްވެސް ޚަރަދެއް ކުރުން ރަނގަޅެއް ނޫން. އުމްރާނީ ހުރިހާ މަސައްކަތެއް ހުއްޓާލަން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ހުށަހެޅުމަކީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ދަތިތަކާއި، ދައުލަތުގެ މާލީ ހާލަތަށް ރިއާޔަތްކޮށް އެމަނިކުފާނު ހުށަހެޅުއްވި ކަންތައްތަކެކެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *