Tuesday, 28 July 2026

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން 'ހިޔާވެހި ޕޯޓަލް' މެދުވެރިކޮށް ދޫކުރަން ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން ޑިޖިޓަލްކޮށް ހޯދުމުގެ ފުރުޞަތު "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ. މިއީ ގޯތި ލިބިފައިވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ތަޢާރަފުކުރި ޚިދުމަތެކެވެ.

ގޯތި ހަވާލުކުރިކަމުގެ ލިޔުން ހޯއްދެވުމަށްޓަކައި، އެންމެ ފުރަތަމަ 'ހިޔާވަހި ޕޯޓަލް' އަށް އީފާސް މެދުވެރިކޮށް ލޮގިން ކުރަންޖެހޭނެއެވެ. އެއަށްފަހު ޕޯޓަލްގެ މެނޫއިން 'ގޯތި ހަވާލުކުރުން' މި ބަޔަށް ޒިޔާރަތްކުރުމުން، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތެއްނަމަ އެ ފަރާތަކަށް ލިބިފައިވާ ގޯތީގެ ތަފްސީލު ފެންނަން ހުންނާނެއެވެ. މި ބައިން 'ގޯތި ހަވާލުކުރިކަމުގެ ލިޔުން' ޑައުންލޯޑް ކުރެއްވޭނެއެވެ.

މިގޮތުން ދޫކުރާ ލިޔުމުގައި ގޯތީގެ ލޮކޭޝަން ބެއްލެވުމަށްޓަކައި ޚާއްޞަ ކިއު.އާރް ކޯޑަކާއި ލިންކެއް ހިމެނިފައިވާނެއެވެ. މި ކޯޑު ސްކޭން ކޮށްލުމުން ނުވަތަ ލިންކަށް ފިއްތާލުމުން ގޯތި އޮތް ސަރަހައްދު މެޕުން ފެންނާނެއެވެ.

މި ލިޔުން ޑައުންލޯޑް ކުރެއްވޭނީ، ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ކަމާބެހޭ އިދާރާއިން މަޢުލޫމާތު ދެއެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭނަމަ، އެ މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރެވޭނެއެވެ.

މީގެ ކުރިން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރަނީ ސީދާ ގުޅިފަޅަށް ގޮސްގެން ކަމަށްވީ ނަމަވެސް، މިހާރު އެ ސަރަހައްދަށް ވަޑައިނުގެން ޕޯޓަލް މެދުވެރިކޮށް މި ލިޔުން ހޯއްދެވޭނެއެވެ. މި ބަދަލާއެކު، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެފަރާތެއްގެ ގޯތި އޮތް ސަރަހައްދާއި، ގޯތީގެ މިހާރުގެ ހާލަތު (ސްޓޭޓަސް) ބަލައިލުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *