ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭނުންވެއްޖެ ނަމަ ކޯޓުތަކުގެ އިސް ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ގަވާއިދެއް އެކުލަވާލައިފި އެވެ.
ގަވާއިދުގައިވާ ގޮތުން ކޯޓުތަކަށް އައްޔަންކުރާ އިސް ފަނޑިޔާރުން ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ މަގާމުން ދުރުކުރަންޖެހޭ ކަމަށް ޖޭއެސްސީއަށް ފެނިއްޖެ ނަމަ އެ މަގާމުން އެ ފަނޑިޔާރަކު ދުރުކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ.
މިހާރު ވެސް އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލާނީ ޖޭއެސްސީންނެވެ. އަދި އެ މަގާމަށް ކުރިމަތިލާ ފަރާތްތައް އިންޓަވިއުކޮށް މަގާމަށް އައްޔަނުކުރާނީ ވެސް ޖޭއެސްސީންނެވެ.
ނަމަވެސް އިސް ފަނޑިޔާރުން ދުރުކުރެވޭނެ ގޮތެއް ނޯވެ އެވެ.
އިސް ފަނޑިޔާރަކު މަގާމުން ވަކިވަނީ އެ ފަނޑިޔާރަކު އަމިއްލައަށް އެ މަގާމުން އިސްތިއުފާ ދެއްވުމުން ނޫން ނަމަ އެ ފަނޑިޔާރަކު، ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި ނަމަ އެވެ.


