އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ޑްރަގް ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
އެމެރިކާގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މި ތަކެތި ހަވާލުކޮށްދެއްވީ ޔޫ.އެސް އެމްބަސީގެ ރީޖަނަލް ސެކިއުރިޓީ އޮފިސަރ މިހްޔަރ އަލް ނިފެއިޑީއާއި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) ގެ ފަރާތުން އެންރިކޯ ބޮނިންގސެނާއެވެ.
މިއަދު މި ހަވާލުކުރެވިގެންދިޔަ 150 ޑްރަގް ޓެސްޓް ކިޓަކީ އަވަސް އަދި އިތުބާރު ހުރި ނަތީޖާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކިޓްތަކެއް ކަމަށް ފުލުހުން ބުންޏެވެ. މީގެ ސަބަބުން ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ފަސޭހައިން ދެނެގަނެވި، ފުލުހުންގެ އޮޕަރޭޝަންތަކަށާއި ތަހުގީގުގެ މަރުހަލާތަކަށް އެހީއަކަށް ވެގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.


