ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި އުތުރު ތިލަފަޅުގައި ތަރައްޤީކުރާ "ހޯޕް އައިލެންޑް" މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށާއި، މި ދައުރުގެ ތެރޭގައި މި މަޝްރޫޢުގެ ނަތީޖާ ފެންނާނެ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ކުށަށް އަރައިގަތުން ފަދަ އިޖުތިމާޢީ މައްސަލަތަކަށް ދާއިމީ ޙައްލެއް ލިބޭނީ އެކަމަށް މަގުފަހިވާ އަސާސީ ސަބަބުތައް ނައްތާލައިގެންނެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމާއި، ޒުވާނުންނަށް އާމްދަނީ ލިބޭނެ ފުރުޞަތުތަކާއި ކުދި ވިޔަފާރިތައް ފެށުމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ހޯޕް އައިލެންޑަކީ މިފަދަ ކުދިންނަށް އެންމެ ޒަމާނީ ފެންވަރުގައި ރީހެބިލިޓޭޝަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ވަރަށް ޚަރަދު ބޮޑު، ނަމަވެސް މުހިންމު މަޝްރޫޢެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރާ މި ރަށަކީ 700 މީހުންގެ ޖާގައަށް ޚާއްޞަ ތަނެކެވެ. މިތަނުގައި ކުދިންނަށް ބޭނުންވާ އަސާސީ ތަޢުލީމާއި، ދީނީ ތަރުބިއްޔަތުގެ އިތުރުން ސައިކޯ ސޯޝަލް ތެރަޕީ އާއި ކުޅިވަރުގެ އެކި ޕްރޮގްރާމްތައް ކުރިއަށްގެންދާނެއެވެ. އަދި އެތަނުގައި ތިބޭ ކުދިންނާއި މުވައްޒަފުންނަށް ބޭނުންވާ އެކި ވަޞީލަތްތަކާއި ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމުވެސް އެ ރަށުގައި ޤާއިމުކުރެވޭނެއެވެ.
މި މަޝްރޫޢުގެ ދަށުން ހޯޕް އައިލެންޑަށް ގެންދާ ކުދިން ޢުމުރުން 18 އަހަރު ވަންދެން އެތަނުގައި ތަރުބިއްޔަތު ކުރެވޭނެއެވެ. އަދި އެއަށްފަހު، އެ ކުދިންނަކީ މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ހެދުމުގެ ގޮތުން، ވަކި މުއްދަތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގެ ޚިދުމަތުގައި މަސައްކަތް ކުރަންޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.


