Tuesday, 28 July 2026
ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރާ ތެލުން ނަގާ ޓެކުހެއް ކަނޑާލައިފި

އިންޑިއާގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދިވެހިރާއްޖެއާއި މޮރިޝަސްއަށް އެކްސްޕޯޓްކުރާ ޕެޓްރޯލާއި ޑީސަލުން ނަގަމުން ދެ ޓެކުހެއް ކަމަށްވާ 'ރޯޑް އެންޑް އިންފްރާސްޓްރަކްޗާ ސެސް' (އާރް.އައި.ސީ) އާއި ސްޕެޝަނަލް އެޑިޝަނަލް އެކްސއިޒް ޑިއުޓީ އިންޑިއާ ސަރުކާރުން އިސްތިސްނާކޮށްފިއެވެ.

އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް (ސީ.ބީ.އައި.ސީ) އިން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ނެރުނު ބަޔާނުގައި ވާގޮތުން، 2019 ވަނަ އަހަރުގެ ސެންޓްރަލް އެކްސައިޒް ގަވާއިދަށް ވަނީ ބަދަލު ގެނެސްފައެވެ. މި ބަދަލާއެކު، އިންޑިއާގެ ޕަބްލިކް ސެކްޓަރ އޮއިލް ކުންފުނިތަކުން ރާއްޖެއަށް ފޮނުވާ ތެލުން މި ޓެކްސް ދައްކާކަށް ނުޖެހޭނެއެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ނިންމުމަކީ އާންމު މަސްލަހަތަށްޓަކައި ނިންމާފައިވާ ނިންމުމެކެވެ. މީގެ ކުރިން މި އިސްތިސްނާ ލިބެމުން އައީ ނޭޕާލް، ބޫޓާން، ބަންގްލަދޭޝް އަދި ސްރީލަންކާއަށް އެކްސްޕޯޓްކުރާ ތެލަށް އެކަންޏެވެ. ނަމަވެސް އަލަށް ގެނައި އިސްލާހާއެކު މި ލިސްޓަށް މިހާރު ވަނީ ރާއްޖެއާއި މޮރިޝަސް އިތުރުކޮށްފައެވެ.

މި އިސްލާހު ގެނެސްފައިވަނީ ފައިނޭންސް އެކްޓް 2018 ގެ 112 ވަނަ މާއްދާއާއި، ސެންޓްރަލް އެކްސައިޒް އެކްޓް 1944 ގެ 5 އޭ މާއްދާއިން އިންޑިއާ ސަރުކާރަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ ބަޔާން ޝާއިއުކުރާ ތާރީޚުން ފެށިގެންނެވެ.

މި ނިންމުމުގެ ސަބަބުން އިންޑިއާގެ ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނިތަކުން ރާއްޖެއަށް ތެޔޮ އެކްސްޕޯޓްކުރުމުގައި ހިނގާ ޚަރަދު ކުޑަވެގެންދާނެއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖެއަށް ބޭނުންވާ ހަކަތައިގެ ބާވަތްތައް ހޯދުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ރާއްޖެއިން އިންޑިއާއިން ތެޔޮ ގަތުމާ ގުޅޭގޮތުން މީގެކުރިން މަޝްވަރާކޮށްފައިވަނީ، ހަނގުރާމައިގެ ސަބަބުން ތެލުގެ ތާށިކަމެއް ކުރިމަތިވެދާނެތީ އެކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *