މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ރަށްތައް ބެލުމަށް، އެ ކަމަށް އެދި ހުށަހެޅުމަށް ރަށު ކައުންސިލްތަކަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ރަށު ކައުންސިލްތަކާ ގުޅިގެންނެވެ.
އެ ކަމަށް އެދި ހުށަހަޅަން ފިޝަރީޒް މިނިސްޓްރީން ހުޅުވާލީ އަންނަ މަހުގެ 15 ދުވަހު އޮފީސް ބަންދުވުމުގެ ކުރިއަށެވެ. އެ ގޮތުން ކޮންމެ ކައުންސިލަކުން ވެސް އެ ރަށެއްގައި ކުރިއަށް ގެންދަން ބޭނުންވާ ތަމްރީނެއް ފާހަގަކޮށް، ފޮނުވަން ޖެހެނީ ސިޓީއެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ކަމުގެ މަގުސަދަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމާއި އަދި މަހާއި މަހުގެ އަގުއެއްކުރި އުފެއްދުން އިތުރުކުރުމާއި އިތުރު މާކެޓްތަކަށް ހޯދުމާއި އަދި އާ މަސްވެރިކަން ތައާރަފްކޮށް އެ ކަން މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަސްކޮށްދިނުމެވެ.
އަދި މަސްވެރި ސިނާއަތުގައި ކަނބަލުންގެ ހިއްސާ އިތުރުކޮށް ރަށު ފެންވަރުގައި މަސްވެރި އުފެއްދުންތައް މިހާރަށްވުރެ ފެންވަރުރަނގަޅުކޮށް ތައްޔާރުކުރުމާއި އާ ބާވަތްތައް ތައްޔާރުކުރުމަށް ތަމްރީނުދީ އަހުލުވެރިކުރުވުމަކީ ވެސް މަގުސަދެއްކަމަށް ބުންޏެވެ.
މިގޮތުން މި އަހަރު މ ކުރިއަށްގެންދިއުމަށް ހަމަޖަހެފައިވަނީ ދެ ތަމްރީން ޕްރޮގްރާމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. އެއީ ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް)ގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމް އަދި އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރީ ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެވެ.


