Tuesday, 28 July 2026
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

އެމްޕީއެލްގެ ބާޖަކުން ކަނޑަށް ވެއްޓުނު ފަސް ކޮންޓޭނަރުގެ ތެރެއިން ދެ ކޮންޓޭނަރު ފެނިއްޖެ

މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބާޖަކުން ފަސް ކޮންޓޭނަރު ކަނޑަށް ވެއްޓިއްޖެއެވެ. ފުލުހުން މިއަދު ވިދާޅުވި ގޮތުގައި، މި ހާދިސާގައި ކަނޑަށް ވެއްޓުނު ކޮންޓޭނަރުތަކުގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ދެ ކޮންޓޭނަރެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ފުލުހުންނަށް މިކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 23:10 އެހައިކަންހާއިރު އެމްޕީއެލްގެ ފަރާތުންނެވެ. ކޮންޓޭނަރުތައް ވެއްޓުނުއިރު ބާޖު އޮތީ މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައެވެ.

ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދަށެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން، ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ހާދިސާގައި ގެއްލުނު ބާކީ ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ. މިހާތަނަށް ފެނިފައިވާ ދެ ކޮންޓޭނަރު ފިޔަވައި އެހެން ކޮންޓޭނަރުތަކާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *