Tuesday, 28 July 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން ހައްޔަރުކުރި 3 މީހުން -- ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން ތިން މީހަކު ހައްޔަރުކޮށްފި

ޅ. ނައިފަރުގެ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ޖޫން މަހުގެ 25 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 37 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައް ވެސް އެ ގެއިން ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނައިފަރު، ނޭޒާ، އާދަމް ޙަސަންފުޅު (41އ) އާއި، އެ ރަށު މުރަނގަމާގެ، މުޙައްމަދު ޝިފާޒު (36އ) ގެ އިތުރުން އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސޭމް ސަޖޫ (28އ) އެވެ.

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *