މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން "މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030″ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ބްލޫޕްރިންޓް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.
މި ބްލޫޕްރިންޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އަދި ޖަޕާން ފަންޑް ފޯ ޕްރޮސްޕަރަސް އެންޑް ރެސިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކް (ޖޭއެފްޕީއާރު) މެދުވެރިކޮށް ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ މަޝްރޫއެއެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މި މަޝްރޫއަކީ ސަރުކާރުގެ "މޯލްޑިވްސް20 ޑިޖިޓަލް ފަސްޓް ނޭޝަން" އިސްނެގުމާ އެއްގޮތްވާ ގޮތުގެ މަތިން، ގުޅިލާމެހިފައިވާ، ރައްކާތެރި އަދި ރައްޔިތުންނަށް އިސްކަންދޭ ޑިޖިޓަލް ސިއްހީ ނިޒާމެއް ގާއިމުކުރުމަށް އެކުލަވާލާފައިވާ ރޯޑްމެޕެކެވެ.
މި ބްލޫޕްރިންޓަކީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހުރިހާ ރައްޔިތުންނަށް ފަސޭހަކަމާއެކު ސިއްހީ ހިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.


