މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ވަކި މީހަކަށް ނާޖައިޒު ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ނުފޫޒު ފޯރުވުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
"ނޭޝަނަލް ޗެޓް" ޕޮޑްކާސްޓުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ރައްޔިތުންގެ ޒަރޫރީ ބޭނުމަކަށްވާއިރު، އެ ފުރުސަތު އެންމެންނަށްވެސް ލިބެންވާނީ އިންސާފުވެރިކަމާއެކު ކަމަށެވެ.
މީގެ ކުރީގެ ސަރުކާރުތަކުގައި ބޯހިޔާވަހިކަން ދޫކުރުމުގައި ނުފޫޒުގަދަ ފަރާތްތަކަށް އިސްކަންދޭ ކަމުގެ ތުހުމަތުތައް އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެއްވެސް ކަހަލަ ނުފޫޒެއް ނެތި ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ. އަދި ވަކި އާއިލާއަކަށް ނުވަތަ ވަކި މީހަކަށް އިސްކަންދިނުމުގެ ސަގާފަތް މި ސަރުކާރުން ނައްތާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ހަނި ގޯޅިތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީތަކެއް ހިމެނެއެވެ.
މީގެ އިތުރުން، ޖުމްލަ 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ތާވަލުކޮށްފައެވެ. މީގެ ތެރެއިން 4,000 ފްލެޓް މާލޭ ރަށްވެހިންނަށް ހާއްސަކޮށްފައިވާއިރު، ބާކީ ފްލެޓްތައް ބަހާލެވިފައިވަނީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށާއި ހާއްސަ އިސްކަންދޭންޖެހޭ ފަރާތްތަކަށެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ޝަކުވާތަކާއި ހިޔާލުތައް ހޯއްދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


