ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުކުރަމުންދިޔަ މުދާ އުފުލާ އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަހައްދުގައި ތާށިވެފައިވާ އުޅަނދުތައް ބޭރުކުރުމަށް އދ. ގެ މެރިޓައިމް އެޖެންސީން ރާވާފައިވާ ޕްލޭން މެދުކަނޑާލުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ.
ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު ބުރާސްފަތި ދުވަހު ވަނީ 4 އިންސައްތައަށް އުފުލިފައެވެ. އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން އުޅަނދުތައް ހުސްކުރުމުގެ މަސައްކަތް ހުއްޓާލާފައިވަނީ ކަނޑުއޮޅީގައި އަލުން ހަމަނުޖެހުންތައް އުފެދުމާ ގުޅިގެންނެވެ. އޮގަސްޓް މަހަށް ޑެލިވަރީ ކުރާ ބްރެންޓް ފިއުޗާސްގެ އަގު މިހާރު ހުރީ ފީފާއަކަށް 74.89 ޑޮލަރުގައެވެ.
ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނި ގޮތުގައި، އޮމާންގެ އައްސޭރިފަށުން ކަނޑުއޮޅި ހުރަސްކުރަން އުޅުނު މުދާ އުފުލާ އުޅަނދެއްގެ ކަނާތްފަރާތުގައި ނޭނގޭ އެއްޗަކުން ވަނީ ޖެހިފައެވެ. އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާއަކީ އީރާނުން ދިން ހަމަލާއެކެވެ.
އީރާނުގެ ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީން ބުނެފައިވަނީ ކަނޑުއޮޅީގައި ކަނޑައަޅާފައިވާ އުސޫލުތަކުން ބޭރުން ދަތުރުކުރާ އެއްވެސް އުޅަނދަކަށް ރައްކާތެރިކަން ކަށަވަރުކޮށްނުދެވޭނެ ކަމަށެވެ. އަދި ހުއްދަ ނޫން މަގުތަކުން ދަތުރުކުރުމުގެ ސަބަބުން ކުރިމަތިވާ އެންމެހައި ނަތީޖާތަކަށް ޒިންމާވާންޖެހޭނީ އުޅަނދުގެ ވެރިފަރާތުން ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މި ހަމަލާއާ ގުޅިގެން އޭޝިއާގެ ހިއްސާގެ ބާޒާރުތަކަށް ވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ޖަޕާނުގެ ނިކޭއި 225 އަދި ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސް 3 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައިވާއިރު، ހޮންކޮންގް އަދި ތައިވާނުގެ ބާޒާރުތަކުން ވެސް ވަނީ ގެއްލުންތަކެއް ފެނިފައެވެ.
ސިންގަޕޫރުގެ ސްޕާޓާގެ ސީނިއާ އޮއިލް މާކެޓް އެނަލިސްޓް ޖޫން ގޯ ވިދާޅުވީ، މި ހަމަލާއަކީ އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނާޒުކު ސުލްހައިގެ ތެރެއިން ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ކަމެއް ކަމަށެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ސަޕްލައި ދަތުރުކުރާ މި މަގު ރައްކާތެރިކުރުމަކީ ތެލުގެ ސަޕްލައި އިއާދަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


