Tuesday, 28 July 2026
އުސްގެކޮޅަށް ގެއްލުންދީފަ --

އުސްގެކޮޅަށް ގެއްލުންދިން މައްސަލައެއް ބަލަނީ

ރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާ ކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާ މައްސަލައެއް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ބަލަން ފަށައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ މިކަން ސަމާލުކަމަށް އައުމާއެކު، ފުލުހުންނާ ގުޅިގެން މިކަން ހިނގާދިޔަ ގޮތާއި ޒިންމާވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ކަމުގައި ޒިންމާވާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު (2019/12) އާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އުސްގެކޮޅަކީ މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (6 ވަނަ) ބިނާކުރެއްވި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތާރީޚީ ބިނާއެކެވެ. މިއީ މީގެ 74 އަހަރު ކުރިން ރާއްޖޭގެ އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރުވެސް ހުޅުވުނު އިމާރާތެވެ. މިނިސްޓްރީން ފާހަގަކުރި ގޮތުގައި މިފަދަ ތަންތަނަށް ދޭ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ލިބުމުގެ ފުރުސަތު އޮވެއެވެ.

އުސްގެކޮޅު ހިމެނޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢަކަށް އެތަނުގެ ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުގައި އެދިފައިވީ ނަމަވެސް، މިހާތަނަށް އެތަން ހަވާލުކޮށްފައި ނުވާކަމަށް މިނިސްޓްރީން ބުނެއެވެ. ނަމަވެސް ޤާނޫނާއި ޤަވައިދުގެ ތެރެއިން އެތަން ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *