Tuesday, 28 July 2026
އީސީގެ މެންބަރުކަމުގެ މަގާމުގެ ލިޔުންކޮޅު މުހައްމަދު ޝަކީލަށް ރައީސް މުއިއްޒު ހަވާލުކުރައްވަނީ

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަންކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ކުރީގެ ރަޖިސްޓްރާ މުހައްމަދު ޝަކީލު މިއަދު އައްޔަންކުރައްވައިފި އެވެ.

ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ޝަކީލު އީސީގެ މެންބަރު ކަމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވެސް އިއްޔެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ލިޔުންކޮޅު ޝަކީލަށް ހަވާލު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ. އެ ރަސްމިއްޔާތުގައި ޝަކީލް މަގާމުގެ ހުވާ ވެސް ކުރެއްވި އިރު ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޝަކީލް އައްޔަންކުރުމުގެ ކުރިން، މިދިޔަ ޖެނުއަރީ މަހު އޭނާ އައްޔަންކުރި ޕީއެންސީގެ ރަޖިސްޓަރާގެ މަގާމު މިހާރު ދޫކޮށްލެވި އިރު، އޭނާ ހުންނެވީ އެ ޕާޓީގެ ސެނެޓް މެންބަރެއްގެ ވެސް ގޮތުގަ އެވެ.

ފަސް މެންބަރުން ތިބެން ޖެހޭ އީސީގެ މެންބަރެއްގެ މަގާމު ހުސްވީ، އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ވެސް އޭރު ހުންނެވި މުހައްމަދު ޒާހިރު ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ.

އެ ކޮމިޝަނުގައި ދެން ތިއްބެވި މެންބަރުންނަކީ ކޮމިޝަނުގައި ނައިބު ރައީސް އަބްދުއްރަހުމާން ސަލާހު ރަޝީދުގެ އިތުރުން މެންބަރުންގެ ގޮތުގައި ތިއްބެވި ހަސަން ޒަރިއްޔާ، އަބްދުއްހަސީބް އިސްމާއީލް، ރިފްއަތު އަބްދުﷲ، އަދި މިއަދު އައްޔަންކުރި ޝަކީލެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *