މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ބުނި ގޮތުގައި ޝަކީލް ވަނީ ކުންފުނީގެ އެމްޑީ ކަމުގެ އިތުރުން ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ވެސް ވަކިވުމަށް ހުށަހަޅުއްވާފައެވެ.
ޝަކީލް މި މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އޭނާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިނުމާ ގުޅިގެންނެވެ. ޝަކީލް ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގަތީ 29 ނޮވެމްބަރު 2023 ގައެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޝަކީލް އައްޔަން ކުރަން ނިންމިއިރު، އޭނާއަކީ މީގެކުރިން ވެސް އެ ކޮމިޝަނުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.


