މި އަހަރު ރާއްޖޭގައި ހިމަބިހީގެ ބަލި ފެތުރުން ފެށި ފަހުން މިހާތަނަށް ޖުމުލަ 22 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ވޭތުވެދިޔަ ހަފުތާގައި ފެނިފައި ވަނީ އިތުރު ދެ ކޭސް ކަމަށެވެ. އެ ދެ ކޭސް ހިމަނައިގެން މިހާތަނަށް މި އަހަރު ރިޕޯޓްކުރީ 22 ކޭސް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުގައި ކުރި ޕޯސްޓްގައި ދެން ހިމެނެނީ މި ބަލިން ރައްކާތެރި ވުމަށް ކުރެވިދާނެ ކަންކަމެވެ. ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަކީ:
- ހާލަތު ގޯސްވާނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުމާއި ފަރުވާ ހޯދަން ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން
- އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން
- ހިމަ ބިއްސަށް ޝައްކުވެގެން ޓެސްޓު ހަަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވުން
- ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއެކު ބަލިން ރައްކާތެރިވުމަށް އަދި ބޮޑުވަރުވިޔަ ނުދިނުމަށް ވެކްސިން ފުރިހަމަކުރުން
- ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުން


