ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭ)އަށް އިއްޔެ ޖަމާކޮށްފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނި ގޮތުގައި މި ފައިސާ ޖަމާކޮށް ދިނީ 21 ފެބްރުއަރީ 2024ގައި ހެލްތު މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ސޮއި ކުރި ފަހުމުނާމާގެ ދަށުންނެވެ.
އެ ފަހުމުނާމާގެ ދަށުން، ކޮންމެ އަހަރަކު ވެސް ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން ދަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދާން ޖެހެ އެވެ.
މި ފަހުމުނާމާގައި ސޮއިކުރުމުގެ ކުރިން ވެސް، 2014ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ޒަކާތު ފަންޑުން ތެލަސީމިއާ ބަލިމީހުންގެ ބޯންމެރޯ ޓްރާނސްޕްލާންޓް ހެދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
ތެލެސީމިއާއަކީ މުޅި އުމުރަށް ލޭ އެޅުމާއި ސިއްހީ ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެކެވެ. މި ބައްޔަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމެވެ. މި ފަރުވާގައި ކުރެވޭ ކަމަކީ ބަލިމީހާގެ މައްސަލަ ހުރި ބޯންމެރޯގެ ބަދަލުގައި، ގުޅޭ ހަދިޔާކުރާ ފަރާތެއްގެ ދުޅަހެޔޮ ސްޓެމް ސެލްތައް ޓްރާންސްޕްލާންޓްކުރުމެވެ.
މީގެ ސަބަބުން ހަށިގަނޑަށް އާދައިގެ ރެޑް ބްލަޑް ސެލްތައް އުފެއްދުމުގެ ގާބިލުކަން ލިބިގެންދެ އެވެ. ކާމިޔާބުކަމާ އެކު ބޯންމެރޯ ހެދުމުން ބަލިމީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ގަވާއިދުން ލޭ އެޅުމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، ބަލީގެ ސަބަބުން ކުރިމަތިވެދާނެ ދިގު މުއްދަތުގެ ނުރައްކާތަކުން ސަލާމަތްކޮށްދެ އެވެ.
މިއީ ވަރަށް ބޮޑަށް ޚާއްސަވެފައިވާ އަދި އަގުބޮޑު ފަރުވާއަކަށް ވުމުން، ޝަރުތުހަމަވާ ބަލިމީހުންނަށް މި ފުރާނަ ސަލާމަތްކޮށްދޭ ފަރުވާ ހޯދައިދިނުމުގައި މާލީ އެހީތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ.


