ޤަޠަރުގެ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީގައި ހުންނަ ބަރުޒާން ލޯކަލް ގޭސް ސަޕްލައި ފެސިލިޓީގައި ހިނގި ގޮވުމުގެ ހިތާމަވެރި ހާދިސާއެއްގައި 13 މީހުން މަރުވެ، 66 މީހުންނަށް އަނިޔާވެފައިވާކަން އެ ޤައުމުން ހާމަކޮށްފިއެވެ.
މި ހާދިސާއާ ގުޅޭ މަޢުލޫމާތު ދެއްވަމުން ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެނާޖީ އެފެއާޒް އަދި ޤަޠަރު އެނާޖީގެ ސީއީއޯ އިންޖިނިއަރު ސާދު ބިން ޝެރީދާ އަލް ކާބީ ހޯމަ ދުވަހު ވިދާޅުވީ، މި ހިނގާފައިވަނީ އާދީއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތެއްގައި ކަމަށެވެ.
މި ހާދިސާގައި މަރުވި 13 މީހުންނަކީ އިންޑިއާ އަދި ޕާކިސްތާނަށް ނިސްބަތްވާ މީހުންނެވެ. މީގެ އިތުރުން ތަފާތު އެކި ޤައުމުތަކަށް ނިސްބަތްވާ 66 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އަލް ކާބީ މަޢުލޫމާތު ދެއްވިއެވެ.
އަނިޔާވި މީހުންނަށް ވަގުތުން ބޭނުންވާ ސިއްޙީ ފަރުވާ ދީފައިވާ ކަމަށާއި، އެމީހުންނަށް ލިބިފައިވާ އަނިޔާތަކަކީ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތަކެއް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ބަރުޒާން ގޭސް ފެސިލިޓީއަކީ ޤަޠަރުގެ އެތެރޭގެ ބޭނުންތަކަށް ބޭނުންވާ ގޭސް އުފައްދާ މުހިންމު މަރުކަޒެކެވެ.


