ސިނގިރޭޓަކުން ނަގާ ޑިއުޓީގެ ރޭޓް 4 ރުފިޔާއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅައިފި އެވެ.
މިހާރު ޑިއުޓީ ރޭޓަކީ ސިނގިރޭޓަކުން 8 ރުފިޔާ އެވެ. ކުރިން 3 ރުފިޔާ 50 ލާރިއަށް ހުރި ޑިއުޓީ ބޮޑުކުރީ 2024ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.
އަނެއްކާ ވެސް ގާތްގަނޑަކަށް ކުރިން ހުރި ރޭޓަށް ކުޑަކުރަން ޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހެއް ހުށަހަޅައިފަ އެވެ.
ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައިވާ ގޮތުން ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާ އަދި އެޑްވޮރަމް ޑިއުޓީގެ ގޮތުގައި %30 ނެގުމަށް ހިމަނާފައިވެ އެވެ. އަދި ބިޑިއަކުން ނަގާ ޑިއުޓީ ވެސް 4 ރުފިޔާގެ ގޮތުގައި ނެގުމަށް ބިލުގައިވެ އެވެ.
އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗިއުންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވެ އެވެ.


