މުއްސަނދި ސަގާފަތެއް އޮތް ބ. ކަމަދޫގެ ނަން ރަމްޒުކޮށްދޭ މޮނިއުމަންޓެއްގެ ޑިޒައިން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.
ކަމަދޫ ކައުންސިލުން އިއުލާންކުރި ގޮތުގައި ރާއްޖޭގެ ރަޖިސްޓްރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށް މި ކަމަށް ކުރިމަތިލެވޭ ގޮތަށް ފުރުސަތު ހުޅުވާލި ނަމަވެސް ޑިޒައިން ހުށަހަޅާ މީހަކީ ކަމަދޫ މީހަކަށް ވާން ޖެހޭނެ އެވެ.
ކަމަދޫ މީހެއްގެ ގޮތުގައި އެ މީހެއްގެ ބައްޕަ ނުވަތަ މަންމަ އެ ރަށުގައި ރަޖިސްޓްރީކޮށްފައިވާ މީހުން ވެސް ބަލަ އެވެ.
ހުށަހަޅާ ޑިޒައިންތަކުގެ ތެރެއިން އެންމެ ކަމުދާ ރަނގަޅު ޑިޒައިނަކަށް 50,000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެ އެވެ.
ޑިޒައިނަށް މާކްސް ދިނުމުގައި ގެންގުޅޭ އޮނިގަނޑަކީ:
- ރަމްޒުކޮށްދިނުމާއި މެސެޖު – %30
- ފަރުމާގެ ފުރިހަމަ ކަން – %30
- އަމިއްލަވަންތަކަން – %20
- ރަށުގެ ތާރީހާއި ސަގާފަތާއި ފަތުރުވެރިކަމަށް ގުޅުން ހުރި މިންވަރު – %20
ޑިޒައިން ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ޖެހުމާ ހަމައަށެވެ.


