Tuesday, 28 July 2026
ލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 އިފްތިތާޙްކުރުމަށް ބޭއްވި ހައިލެވެލް ސެގްމަންޓްގައި ނައިބު ރައީސް ވާހަކަފުޅުދައްވަނީ -- ފޮޓޯ: ރައީސް އޮފީސް

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ އެހީތެރިކަމަށް ނައިބު ރައީސް ގޮވާލައްވައިފި

މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާ ކުރިމަތިވެފައިވާ ގައުމުތަކަށް ބައިނަލްއަގުވާމީ މާލީ އެހީތެރިކަމާއި 'ކްލައިމެޓް ފައިނޭންސިން' އިތުރުކުރުމަށް ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ގޮވާލައްވައިފިއެވެ. އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 އިފްތިތާޙްކުރުމަށް ބޭއްވި ހައިލެވެލް ސެގްމަންޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކަކީ ދިވެހިންގެ އާންމު ދިރިއުޅުމާއި، ގައުމުގެ ކުރިމަގާއި ތަރައްގީގެ މަޝްރޫޢުތަކަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ގެއްލުންތަކުން ސަލާމަތްވުމަށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަކީ މިވަގުތަށް އޮތް އެންމެ ހައްސާސް މައްސަލަ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއިން މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ފަރުތައް ހިމާޔަތްކުރުމާއި ރަށްރަށުގެ ބިނާރާއި ވިލުންތެރިކަން އިތުރުކުރުމަށް ދޭ އަހަންމިއްޔަތުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ހުޅުމާލެއަކީ ކާމިޔާބު މިސާލެއްކަމަށާއި، އަލަށް ތަރައްގީކުރާ ރަސްމާލެއަކީ ވެސް އިންސާނީ އަދި އިގްތިސާދީ ތަރައްގީއަށް ފަހިވާނެހެން ބިނާކުރާ ސަރަޙައްދެއްކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރަށްރަށުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ވަޒަނުގައި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރަށަކުން މީހުން ހިޖުރަކުރަން ޖެހިއްޖެ ހާލަތެއްގައިވެސް، އެއީ ރައްޔިތުންގެ އަމިއްލަ އިސްނެގުމާއެކު ރޭވިގެން ކުރެވޭ ކަމަކަށް ވާންޖެހޭނެއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ބޭނުންވާ ހިލޭ އެހީއާއި، ޓެކްނޮލޮޖީ އަދި ތަމްރީނު ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ބައިވެރިންނަށް އިލްތިމާސްކުރައްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *