ސަރުކާރުން ވަޒީފާތަކުން ވަކިކުރަމުންދާ މުވައްޒަފުންގެ ދިފާއުގައި އެމްޑީޕީން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށާއި، އެ ޕާޓީން އަލުން ވެރިކަމަށް އައިސް އެ މުވައްޒަފުންގެ ވަޒީފާ ރުޖޫއަކޮށްދޭނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެއްވައިފިއެވެ. ޝާހިދު މިހެން ވިދާޅުވީ "ވަޒީފާ ބުރާސްފަތި" ނަމުގައި އެމްޑީޕީން މިރޭ ބޭއްވި އިހުތިޖާޖުގައި ވާހަކަދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުން ވަޒީފާ އަދާކުރުމުގެ ހައްގަށް މި ސަރުކާރުން އަރައިގަންނަމުންދާ ކަމަށާއި، މިރޭގެ އިހުތިޖާޖުން ފެނިގެންދަނީ އެފަދަ އަމަލުތަކާ ދެކޮޅަށް އެމްޑީޕީން ސާބިތުކަމާއެކު ތެދުވާނެކަން ކަމަށެވެ. އަދި ވަޒީފާތަކުން މުވައްޒަފުން ވަކިކުރަން ފެށުމަކީ މި ސަރުކާރު ބޮޑުތަނުން ބަލިވެ، "ބޮނދުބުޑަށް ސައިވަމުންދާ" ކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެން ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އެމްޑީޕީގެ ފަރާތުން އަރުވާ ޔަގީންކަމަކީ ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި މި ޕާޓީން ކުރަންޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނެކަމުގައި. އަޅުގަނޑުމެން އެނބުރި ވެރިކަމަށް އައިސްފައި ތިޔަބޭފުޅުންނަށް ތިޔަބޭފުޅުން އަތުން ފޭރިގަތް ވަޒީފާތައް ރުޖޫއަކޮށްދޭނެކަމުގެ ޔަގީންކަން މި އަރުވަނީ،" ޝާހިދު ވިދާޅުވިއެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން ޝާހިދު އިތުރަށް ވިދާޅުވީ، ވަޒީފާއިން ވަކިކުރާ ކޮންމެ މީހަކާއެކު އެމީހެއްގެ އާއިލާއަކީ ސަރުކާރާ އިދިކޮޅު އާއިލާއަކަށް ވެގެންދާނެ ކަމަށެވެ. ރައްޔިތުން ބިކަކޮށްގެން ސަރުކާރަށް ރައްޔިތުންގެ ލޯބި ނުލިބޭނެ ކަމަށާއި، ބިރުދައްކައިގެންނާއި އަޅުވެތިކޮށްގެން ރައްޔިތުން ނުހިފެހެއްޓޭނެކަން މިރޭގެ ހަރަކާތުން ސާބިތުވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން ކުރިއަށްގެންދާ މި ހަރަކާތަކީ ސިޔާސީ ދައުވާތަކާއި ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް މުޅި ރާއްޖޭގައި ހިންގާ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުމާއި، އަނިޔާ ލިބޭ މުވައްޒަފުންނަށް ޕާޓީގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
މިދިޔަ އޮކްޓޯބަރު މަހުވެސް އެމްޑީޕީން ވަނީ "ލޫޓުވައިފި" ނަމުގައި މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވާފައެވެ.


