ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން ދޫކުރާ މާލީ އިނާޔަތް ގަވާއިދުން ލިބެމުން ނުދާތީ، އެންސްޕާއާއި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ މަޖިލީހުގެ ރައީސަށް ސިޓީއަކުން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ގާނޫނުއަސާސީން ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ މީހަކަށް މާލީ އެހީތެރިކަން ލިބުމުގެ ހައްގު ކަށަވަރުވެފައި އޮތް ނަމަވެސް، އެންސްޕާ މެދުވެރިކޮށް ދޭ އިނާޔަތް ކަނޑައެޅިފައިވާ ތާރީޚަށް ޖަމާވަމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިނާޔަތަކީ ޚާއްސަ އެހީއަށް ބޭނުންވާ ގިނަ ފަރާތްތަކެއްގެ ބޭސްފަރުވާއާއި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބަރޯސާވާ ހަމައެކަނި ވަސީލަތް ކަމަށް ވުމުން، ފައިސާ ލަސްވުމުގެ ސަބަބުން އެ އާއިލާތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް މެންބަރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި މެންބަރު އެދިވަޑައިގެންފައިވަނީ މަޖިލީހުގެ ކޮމިޓީއެއް މެދުވެރިކޮށް ކަމާބެހޭ އިދާރާތައް ޖަވާބުދާރީކުރުވުމަށެވެ. އަދި ކޮންމެ މަހަކުވެސް ކަނޑައެޅޭ ވަކި ސުންގަޑިއަކަށް ފައިސާ ޖަމާކޮށްދޭނެ ދާއިމީ ނިޒާމެއް ސަރުކާރުން ކަށަވަރުކޮށްދިނުމަށް ބާރުއަޅުއްވައިދިނުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.


