ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު އަޑީގެ ހޮހަޅައެއްގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒަންކުރައްވައިފިއެވެ. މި ފަރާތްތަކުގެ އިޚްލާޞްތެރި ޚިދުމަތް ފާހަގަކުރުމަށް ބަންޑާރަކޮށީގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއާއި، މިނިސްޓަރ އޮފް ޑިފެންސް ހަސަން ރަޝީދެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ސަލާމަތީ ބާރުތަކުގެ އިސް އޮފިސަރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި އޮޕަރޭޝަނަކީ އިޓަލީގެ ފަސް ޑައިވަރަކު މަރުވި ހާދިސާއާ ގުޅިގެން ހިންގި ނުރައްކާތެރި އަދި އުނދަގޫ މަސައްކަތެކެވެ. މި ހާދިސާގައި މަރުވެފައިވަނީ އިޓަލީގެ ޔުނިވަރސިޓީ ޕްރޮފެސަރަކާއި، އޭނާގެ ދަރިފުޅާއި، ދެ ރިސާޗަރުންގެ އިތުރުން ސަފާރީއެއްގެ އިންސްޓްރަކްޓަރެކެވެ. މި އޮޕަރޭޝަންގެ ތެރޭގައި ސިފައިންގެ ބޭކަލަކު ވަނީ ޝަހީދުވެފައެވެ.
ރަސްމިއްޔާތުގެ ތެރެއިން، އޮޕަރޭޝަންގައި އަމަލީގޮތުން ބައިވެރިވި ފުލުހުންނާއި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މިއީ ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސަލާމަތީ ބާރުތަކުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެކެވެ.


