ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސައިބަރ ސެކިއުރިޓީގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމުގެ ފުރުސަތު މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފިއެވެ. މި މަހުގެ 17 ވަނަ ދުވަހު މަޖިލީހަށް ބަލައިގަތް މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާޞިހު ހުށަހަޅުއްވާފައިވާ މި ބިލުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ. މި ބިލުގެ ދަށުން ރާއްޖޭގެ ސައިބަރ ސެކިއުރިޓީއާ ގުޅޭ ކަންކަން ވިލަރެސްކުރުމަށް "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި ވަކި އިދާރާއެއް އުފެއްދުމަށް ވަނީ ހުށަހަޅާފައެވެ.
މި ބިލުގައިވާ ގޮތުން ސައިބަރ ސެކިއުރިޓީގެ ވަކި ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކުން ޚާއްސަ ލައިސަންސެއް ހޯދަންޖެހޭނެއެވެ. އަދި ލައިސަންސް ނެތި މިފަދަ ޚިދުމަތްތައް ދޭ ފަރާތްތައް 50,000 ރުފިޔާ އާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ޤައުމީ ފެންވަރުގައި ސައިބަރ ސެކިއުރިޓީގެ މިންގަނޑުތައް ކަނޑައެޅުމާއި، ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން ސިސްޓަމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އުސޫލުތައް މި ބިލުން ބައްޓަންކުރާނެއެވެ. އަދި ސައިބަރ ހިރާސްތައް ދެނެގަތުމާއި، ކުރިމަތިވާ ހާދިސާތަކަށް އަވަސް އިޖާބައެއް ދެވޭނެ ފަދަ ޤާބިލް ނިޒާމެއް ޤައުމީ ފެންވަރުގައި ބިނާކުރުމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.


