Tuesday, 28 July 2026
2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާ -- ފޮޓޯ: މަޖިލިސް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި

އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލަކީ މީގެކުރިން މަޖިލީހުން ފާސްކޮށްފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަލުން ދިރާސާކުރުމަށް އަނބުރާ ފޮނުއްވާލެއްވި ބިލެކެވެ. ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި މި ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ ފޮނުއްވާލެއްވީ، ގުނަވަން ހަދިޔާކުރާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރެއިން މުހިންމު ދެ ކަމެއް މަޖިލީހުން އުނިކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން އޮތުމުންނެވެ. އެއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމުގައި ނުވުމާއި، ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ ގައިދީއެއް ކަމުގައި ނުވުމެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ބަންދެއްގައި ތިބޭ މީހުންނަކީ މިނިވަންކަން ގައިދުވެފައިވާ ބަޔަކަށް ވާތީ، އެފަދަ ފަރާތްތަކަށް އެއްވެސް މަޖުބޫރުކަމެއް ނެތި ފުރިހަމަ ރުހުމުގައި ގުނަވަން ހަދިޔާކުރުމުގެ އިހުތިޔާރު އޮތް ކަމަށް ގަބޫލެއް ނުކުރެއްވެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލުގެ މައިގަނޑު މަގުސަދަކީ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ. މި ބިލުގެ ދަށުން މީހެއްގެ ރުހުމާ ނުލައި ގުނަވަން ނެގުމާއި، ގުނަވަން ވިއްކުމާއި ގަތުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި ގުނަވަން ޓްރާންސްޕްލާންޓް ކުރެވޭނީ ހަމައެކަނި އެކަމުގެ ލައިސަންސް އޮންނަ ތަންތަނުގައި، 18 އަހަރު ފުރިފައިވާ ބުއްދި ސަލާމަތުން ހުރި މީހުންނަށް އެކަނި ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *