ރާއްޖެއަށް 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ. މި މީހުންނަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މަސްތުވާތަކެތި އަތުލައިގަނެ، ފުލުހުންނާ ހަވާލުކޮށްފައިވާ ބައެކެވެ.
މި މައްސަލައިގައި ހިމެނޭ ދިވެހި ތިން މީހުން ކަމަށްވާ ލ. ގަން، އަޙްމަދު އަފްރާޙް (33އ) އާއި، މާލޭގެ ދެ މީހުން ކަމަށްވާ އިލްޔާސް އަޙްމަދު (42އ) އަދި ޙަސަން ޝަމްޢޫން (36އ) ގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް އިތުރުކޮށްފައެވެ. މި ތިން މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވަނީ ކަސްޓީޑިއަލް ޖަލެއްގައެވެ.
މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ މުހައްމަދު މުސްތާކް ޖަމާލް (29އ) އަދި ސިރަޖުދީން ރަޝިތާ (26އ) ގެ ބަންދަށް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. މި ފަސް މީހުންގެ ބަންދުގެ މުއްދަތު އިއްޔެ ހަމަވުމާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގަށް އިތުރު ވަގުތު ބޭނުންވާތީ ބަންދު އިތުރުކުރަން ނިންމީއެވެ.
މި މައްސަލައަކީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފައިވާ ސީރިއަސް މައްސަލައަކަށްވާތީ، ފުލުހުން ދަނީ މިކަމާ ގުޅޭ އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.


