އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި މަހުގެ 14 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކަކީ ގަން ޕޮލިހާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، ސައުތު ޕޮލިސް ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ޓީމުގެ އިތުރުން ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ހަނދުވަރު، އަޙްމަދު ލީން ފާރޫޤް (26އ) އާއި، ސ. މަރަދޫފޭދޫ، ސޭންޑީބީޗް، އަބްދުﷲ ފަޒީން (41އ) ގެ އިތުރުން މަރަދޫފޭދޫ، އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އެވެ. ފޭދޫގައި ހިންގި އޮޕަރޭޝަންގައި ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 35 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 4.8 ގުރާމު ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މަރަދޫފޭދޫގައި ހިންގި ދެވަނަ އޮޕަރޭޝަންގައި އަޙްމަދު ޝަރަތު ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 2.81 ގުރާމެވެ. މި ދެ އޮޕަރޭޝަނަކީ ވެސް ކޯޓު އަމުރުގެ ދަށުން ކުރިއަށް ގެންދެވުނު އޮޕަރޭޝަންތަކެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ލީން ފާރޫޤާއި ޢަބްދުﷲ ފަޒީންގެ އިތުރުން އަޙްމަދު ޝަރަތު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ނަމަވެސް ފުރަތަމަ އޮޕަރޭޝަންގައި ހިމެނޭ އެކަކު ކޯޓުން ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ދަނީ މި ދެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


