Monday, 26 October 2026
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އައު މެމްބަރު އަބްދުﷲ ޞާދިގު (ސޯބެ) މަޤާމުގެ ހުވާކުރައްވަނީ -- 

ހިތަދޫ އުތުރު ދާއިރާގެ އައު މެންބަރު އަބްދުﷲ ޞާދިގު މަގާމުގެ ހުވާކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ދާދިފަހުން ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް އަބްދުﷲ ޞާދިގު (ސޯބެ) މިއަދު މަގާމުގެ ހުވާކުރައްވައި، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން ފަށްޓަވައިފިއެވެ.

މި ގޮނޑިއަކީ ކުރިން އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ކޯޓު ހުކުމާ އެއްގޮތަށް އަދާކުރައްވާފައި ނުވާތީ، ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އޭނާގެ މެންބަރުކަމުގެ ޝަރުތު އުނިވުމުގެ ސަބަބުން ހުސްވި ގޮނޑިއެކެވެ. މި ހުސްވި ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވުމަށްފަހު، މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޞާދިގު ވަނީ މެންބަރުކަމުގެ ގާނޫނީ ހުވާ ކުރައްވާފައެވެ.

އަބްދުﷲ ޞާދިގަކީ ސިޔާސީ މައިދާނުގައި ވަރަށް ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އައްޑޫ ސިޓީގެ މޭޔަރުކަމުގެ މަގާމު ވިދިވިދިގެން ތިން ދައުރު އަދާކުރައްވާފައެވެ. ނަމަވެސް، މިއީ އޭނާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްގައި ވާދަކުރައްވައި ގޮނޑިއެއް ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރެވެ.

މަގާމުގެ ހުވާކުރެއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ޞާދިގު ވިދާޅުވީ، މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތް ހަރުދަނާގޮތެއްގައި ކުރައްވާނެ ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ގައުމީ މައްސަލަތަކުގައި އިދިކޮޅު މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *