Tuesday, 28 July 2026
ދ. މީދޫގައި ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ޕީއެންސީ

ޖުމްލަ 2،645 މަޝްރޫއެއް ހިންގާނެ ޕްލޭން އެކުލަވައިލާ ނިމިފައިވާކަމަށް ރައީސް ވިދާޅުވެއްޖެ

މި ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުތަކާއި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ހިމެނޭހެން ޖުމްލަ 2،645 މަޝްރޫއެއް ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލީ ޕްލޭން އެކުލަވައިލާ، އެ މަސައްކަތްތައް ތަންފީޒުކުރާނެ ގޮތް ކަނޑައަޅައި ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދ. މީދޫގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުތަކުގެ ތެރޭގައި މިހާރު ސޮއިކުރެވިފައިވާ މަސައްކަތްތަކާއި، މިއަހަރާއި އަންނަ އަހަރު އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ހިމެނެއެވެ. މި ޕްލޭން އެކުލަވައިލާފައިވަނީ މަޝްރޫއުތަކަށް އިސްކަންދޭނެ ތަރުތީބާއި، ކޮންމެ މަހަކު ނިންމާނެ މިންވަރުގެ އިތުރުން، ދައުލަތުގެ އާމްދަނީއާއި ދަރަނި އަދާކުރުމުގެ ކަންކަމަށް ރިއާޔަތްކޮށްގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވުމާއި ތަކެތި ލިބުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ މައްސަލަތަކުން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތުން މިހާރު ހައްލުތަކެއް ލިބެމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މަޝްރޫއުތަކުގެ ދުވެލި ހަލުއިވެ، އެއްވެސް މަސައްކަތެއް ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ޕްލޭނެއްގެ ދަށުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމާއެކު، ބަޖެޓުގެ ޑެފިސިޓް ދެމެހެއްޓެނެވި މިންގަނޑެއްގައި ހިފެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށްރަށަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދުފުޅުތަކެއް ފުއްދަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *