Tuesday, 28 July 2026
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު،---ފޮޓޯ: ރައީސްއޮފީސް

އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރުމަކީ އާންމު ސިއްހަތަށް މުހިންމު ކަމެއް: ރައީސް

އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމަކީ އާންމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ލޭހަދިޔާ ކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ، އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ މީހުންގެ ސަބަބުން އެތައް ފުރާނައެއް ސަލާމަތްކުރެވޭ ކަމަށާއި، އެ ފަރާތްތަކުގެ ދީލަތި އެހީތެރިކަމުގެ ސަބަބުން ދާއިމީކޮށް ލޭ އަޅަންޖެހޭ މީހުންނާއި ކުއްލި ހާލަތުގައި ލޭ ބޭނުންވާ ބަލިމީހުންނަށް ވަގުތުން ފަރުވާ ދިނުމަށް މަގުފަހިވާ ކަމަށެވެ. އަދި ލެއަކީ ބޭސްވެރިކަމުގެ ޒަމާނީ ބަދަލުތަކާއެކުވެސް އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ވަސީލަތެއް ނެތް މުހިންމު އެއްޗެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވުމުން، ބޭނުންވާ ވަގުތު ލޭ ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުރުމަކީ ސިއްހީ ކުއްލި ހާލަތްތަކުގައި ނުހަނު ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރުން އާންމުން ހޭލުންތެރިކޮށް، އަމިއްލައަށް ލޭ ހަދިޔާކުރުމަށް ބާރުއެޅުމަށާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 14 ވަނަ ދުވަހަކީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމާއި، ލޭ ހަދިޔާކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *