Tuesday, 28 July 2026
ސުހާ އިބްރާހީމް -- ފޮޓޯ: ޕީއެންސީ

ދ. މީދޫ ކައުންސިލްގެ ރައީސްކަން ބޮޑު ތަފާތަކުން ޕީއެންސީގެ ކެންޑިޑޭޓް ސުހާ ކާމިޔާބު ކުރައްވައިފި

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގެ އިތުރު ބުރު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ. މި އިންތިޚާބުގައި ސުހާއާ ވާދަކުރެއްވީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ފަރާތުން ކުރިމަތިލެއްވި މުޙައްމަދު ޝާހިދެވެ.

މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދިޔަ މި ވޯޓުލުމުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ސުހާ އިބްރާހީމަށް 529 ވޯޓު ލިބިވަޑައިގެންފައިވާއިރު، ޝާހިދަށް ލިބިވަޑައިގަތީ 449 ވޯޓެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 1,049 މީހުންގެ ތެރެއިން 985 މީހުން ވަނީ ވޯޓުލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބަށް ތިން ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެއީ ދ. އަތޮޅު މަދުރަސާގައި ބެހެއްޓި ދެ ފޮއްޓާއި، މާލޭގައި ދިރިއުޅޭ މީދޫ ރައްޔިތުންނަށް ދަރުމަވަންތަ ސްކޫލުގައި ބެހެއްޓި ފޮއްޓެވެ. މީދޫގައި ވޯޓުލުމަށް 587 މީހުން ރަޖިސްޓްރީވެފައިވާއިރު، މާލޭގައި 462 މީހުން ރަޖިސްޓްރީވެފައިވެއެވެ.

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އިތުރު ބުރެއް ބާއްވަން ޖެހުނީ، ކުރިން ބޭއްވި އިންތިޚާބުގެ ވޯޓު ފޮއްޓެއްގެ ސައްޙަކަމާ މެދު ކޯޓުން ކުރި ޙުކުމަކާ ގުޅިގެން، ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *