Tuesday, 28 July 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދު --ފޮޓޯ: ލޫކަސް ޖަލީލި/އެކެސް

ސިޔާސީ މައިދާނަށް ނުކުންނަން ވިސްނާ ހުރިހާ ޒުވާނުން ވެސް ނަމޫނާއަކަށް ބަލަންވީ މީކާއީލް: ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމަނިކުފާނާ ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ. އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސިޔާސީ މައިދާނަށް ނުކުންނަން ވިސްނާ ހުރިހާ ޒުވާނުން ވެސް ނަމޫނާއަކަށް ބަލަންވީ މީކާއީލް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމާއެކު މީކާއީލް އެމަނިކުފާނަށް ގުޅުއްވައި މަރުހަބާ ދެންނެވި ކަމަށާއި، އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.

"މީކާއީލް ކުރެއްވި ބުރަ މަސައްކަތާއި އެ ދެއްކި ހިތްވަރަކީ އަޅުގަނޑަށް އަބަދުވެސް އުފާލިބި ހިތްހަމަޖެހުން ލިބޭނެ ހިތްވަރެއް،" މީކާއީލް ދެއްކެވި ކެރުންތެރިކަމަށް ޝުކުރު އަދާކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

މީކާއީލް ވެސް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދަށް މަރުހަބާ ދަންނަވައި، ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ މިހާރު އޮތް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ދެން އެންމެ އެކުވެގެން ކުރަންވީ ކަމަކީ މިހާރު އޮތް ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކަމަށާއި، އަންނަ އާދިއްތަ ދުވަހު ރަސްމީކޮށް ޕާޓީ އޮފީހަށް ނުކުމެވަޑައިގެން މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *