މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން މަރާމާތަށް ބަންދުކޮށްފައިވާ ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ މަސައްކަތްތައް ނިންމައި، އެ ސަރަހައްދު މިއަދު އާންމުންނަށް ހުޅުވާލާފައިވާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެކެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ އެ ސަރަހައްދުގެ މޫދު ފެން ތަގައްޔަރުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
މި މަރާމާތުގެ ދަށުން، ކުރިން އެ ސަރަހައްދަށް ދިމާވެފައިވާ ފެން ތަގައްޔަރުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން ފެން ދައުރުވާނެހެން އޮއިދެމޭ ހޮޅިތަކާއެކު އާ ހިލަތޮށްޓެއް ލައި، ހާއްސަ ފެންހިންދާ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ.
މި ބަދަލުތަކާއެކު ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ފެން ސާފުކޮށް ބެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް ބިނާރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.


