މިއަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޒަކާތުގެ ގޮތުގައި 13.1 މިލިއަން ރުފިޔާ ބަހާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. މި އެހީ ފޯރުކޮށްދީފައިވަނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 2,384 ފަރާތަކަށެވެ.
ޒަކާތު ހައުސްއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު ބެހި އަދަދަކީ ފާއިތުވި އަހަރާ އަޅާބަލާއިރު ބޮލަކަށް 500 ރުފިޔާގެ ކުރިއެރުމެއް އައިސްފައިވާ އަދަދެކެވެ. މިއީ މުޖުތަމަޢުގެ ނިކަމެތިންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައިވެސް ކޮންމެ ފަގީރަކަށް 6,000 ރުފިޔާ ބަހާފައިވާކަން އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ޒަކާތުގެ ގޮތުގައި ފަރުދަކަށް އެންމެ ބޮޑު އަދަދެއް ބެހި ފަހަރުކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.


