Tuesday, 28 July 2026
ހިތަދޫ މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ނޫސްވެރިޔާ އަހުމަދު އަޒާން---ފޮޓޯ:މަޖިލިސް

އަޒާންގެ އަބުރަށް އުނިކަން ލިބޭގޮތަށް ލިޔުނު އާޓިކަލް ޑްރާފްޓަށް ބަދަލުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫގުގެ އަބުރަށް އުނިކަން ލިބޭގޮތަށް "ދައުރު" ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމެއް، "ޑްރާފްޓް" ސްޓޭޓަސްއަށް ބަދަލުކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. މި އަމުރު ނެރުއްވާފައިވަނީ އެ ނޫހުގެ އެޑިޓަރު މޫސާ ލަޠީފް ލިޔުއްވި އާޓިކަލްއަކާ ގުޅިގެން އަޒާންގެ ފަރާތުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހުގައެވެ.

މި މައްސަލައަކީ މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު އަޒާންގެ ފަރާތުން ކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ. މައްސަލަ ބެއްލެވި ގާޒީ އަލީ އަބްދުﷲ ނެރުއްވި އަމުރުގައި ބަޔާންކޮށްފައިވަނީ، ޝަރީއަތް ނިމެންދެން އެ ލިޔުން އާންމުންނަށް ފެންނަން އޮތުމަކީ އަޒާންގެ އަބުރަށް އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށެވެ.

ކޯޓުގެ އަމުރުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ކޮންމެ މީހެއްގެވެސް ނަމާއި އަބުރު ރައްކާތެރިކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށެވެ. އަދި ލިޔުން ޑްރާފްޓަށް ބަދަލުކުރުމަކީ އެ ލިޔުން މުޅިން ފުހެލުން ނޫންކަމަށް ވާތީ، މީގެ ސަބަބުން މޫސާ ލަޠީފަށް ލިބޭނެ އިއާދަނުކުރެވޭނެ ގެއްލުމެއް ނެތްކަމަށް ވެސް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

މި މައްސަލައިގެ ޝަރީއަތް ކުރިއަށްދާއިރު، ކޯޓުގެ މި ވަގުތީ އަމުރާއެކު ދައުރު ނޫހުގައިވާ އެ ލިޔުން މިހާރު އާންމުންނަށް ނުފެންނާނެހެން ބަދަލުކުރަން ޖެހޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *