ކުރީގެ މާލީ ވަޒީރު މޫސާ ޒަމީރު، ސިއްޙީ ސަބަބުތަކާ ގުޅިގެން މަޤާމުން އިސްތިއުފާދެއްވުމަށްފަހު، ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ރަނގަޅުވަމުން އަންނަކަން ހާމަކުރައްވައިފިއެވެ.
އިއްޔެއާ ހަމައަށް ފިނޭންސް މިނިސްޓަރަކަށް ހުންނެވުމަށް ފަހު، ކުއްލިގޮތަކަށް ޒަމީރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއަށްފަހު ވެރިކަންކުރާ ޕާޓީ ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޒަމީރު ވަނީ މަޤާމުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތް ސަބަބާއި، ޤައުމުގެ މާލީ ޙާލަތާ ގުޅޭގޮތުން ތަފްޞީލީ މަޢުލޫމާތު ދެއްވާފައެވެ.
ޒަމީރު ވިދާޅުވީ، ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމަތަކާއި ތެލުގެ އަގަށް އަންނަ ބަދަލުތައް ގާތުން ބެލުމަކީ މާލީ ވަޒީރުގެ މަޤާމުގެ މުހިންމު މަސްއޫލިއްޔަތަކަށްވާއިރު، މިހާރުގެ ސިއްޙީ ޙާލަތު ހުރިގޮތުން އެކަމަށް ހުރަސްއެޅޭކަމަށެވެ. އެހެންކަމުން، މަޤާމުގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމަށްޓަކައި އިސްތިއުފާ ދެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިޤުތިޞާދީ ޙާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރެވިފައިވާކަމަށެވެ. އަދި އަބަދުވެސް ސަރުކާރާއެކު ސާބިތުވެ ހުންނާނެކަމުގެ ޔަޤީންކަން ޒަމީރު ވަނީ ދެއްވާފައެވެ.
ސަރުކާރުގެ އިޤުތިޞާދީ އިޞްލާޙީ ފިޔަވަޅުތަކަށް ބައިނަލްއަޤުވާމީ އިދާރާތަކުގެ އިތުބާރު ލިބެމުންދާކަން ފާހަގަކުރައްވަމުން، ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިންގ އޭޖެންސީ، ފިޗުން ދާދިފަހުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ސަރުކާރުން ދަރަނި އަދާކުރުމަށާއި މާލީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
ފިޗުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ރޭޓިންގ މަތިކުރީ ސަރުކާރުން އަޅަމުންދާ އިޤުތިޞާދީ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.


