ސިޔާސީ ގޮތުން ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ މައްސަލައާއި، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ މައްސަލައިގައި މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފިއެވެ. މި ގޮތަށް ނިންމާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބެލެހެއްޓެވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 35 ވަނަ
ރޭ ބޭއްވުނު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރި ގަރާރުގައި މައިގަނޑު ތިން ކަމެއް ހިމަނާފައިވެއެވެ. އެއީ ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރާ މީހުންނާއި ސިޔާސީ ދައުވާތައް އުފުލާފައިވާ މީހުންގެ ހައްގުގައި މި ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖުކުރުމާއި، އެފަދަ ފަރާތްތަކަށް ޕާޓީގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ރަށްރަށުގެ ތަރައްގީއަށްޓަކައި ރަށު ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުމެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނާއި ގަވާއިދުތަކަށް ބޯނުލަނބައި ކަންކަން ކުރަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ ނިކަމެތިކަމާއި ތަކުލީފުތަކަށް އެމްޑީޕީން ބަލަން ނުތިބޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމްޑީޕީ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 35 ވަނަ ބައްދަލުވުން ކުރިއަށްދަނީ. pic.twitter.com/LO3C27AsrJ
— MDP Secretariat (@MDPSecretariat) June 15, 2026
އެމްޑީޕީން ފާހަގަކުރި ގޮތުގައި، ރަށްރަށުގައި ކުރިއަށްދިޔަ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިހާރު ވަނީ ހުއްޓާލާފައެވެ. މީގެ ތެރޭގައި ނުވަދިހަ އިންސައްތަ މަސައްކަތް ނިމިފައިވާ މަޝްރޫއުތަކާއި، ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިމެނޭކަން އެ ޕާޓީން ވަނީ ކަންބޮޑުވުމާއެކު ފާހަގަކޮށްފައެވެ.
މި ގަރާރުގެ ދަށުން، އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ޕާޓީގެ މުހިންމު އަމާޒެއް ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެމްޑީޕީން މެދުކެނޑުމެއްނެތި މަސައްކަތްކުރާނެކަމުގެ ޔަގީންކަން އެ ޕާޓީން ވަނީ ދީފައެވެ.


