Tuesday, 28 July 2026
ފަރަންސޭސި ސަރުކާރުގެ ސަފީރު ފަތްކޮޅު އެރުވުމަށް ބޭއްވި ހަފްލާގެ ތެރެއިން. ފޮޓޯ؛ ރައީސް އޮފީސް.

ތިން ގައުމެއްގެ އައު ސަފީރުން ރައީސް މުއިއްޒަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ތިން ގައުމެއްގެ ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ވަކިވަކި ރަސްމިއްޔާތުތަކެއްގައި ފަތްކޮޅު އަރުވާފައިވަނީ ފިލިޕީންސް، ފަރަންސޭސިވިލާތް އަދި ނެދަލޭންޑްސްގެ އައު ސަފީރުންނެވެ.

ފިލިޕީންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ. ފިލިޕީންސްގެ އައު ސަފީރަކީ ނީނާ ޕީ. ކައިންޖްލެޓް އެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ގައުމީ ދިފާއީ ބާރުގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ފިލިޕީންސާއި ނެދަލޭންޑްސްގެ ސަފީރުންގެ ފަތްކޮޅު ރައީސަށް އަރުވަނީ — ފޮޓޯ: ރައީސް އޮފީސް

ފަރަންސޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ރެމީ ލޮބޭޚް ވެސް ވަނީ މިއަދު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އަރުވާފައެވެ. މި ރަސްމިއްޔާތަށް ވެސް ސަފީރު ވަޑައިގެންނެވީ ރަސްމީ އިއްޒަތުގައި ހަތްކޮޅުގައެވެ.

މީގެ އިތުރުން ނެދަލޭންޑްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ވެއިބެ ޖޭކޮބް ޑި ބޮއާ ވެސް ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އަރުވާފައެވެ. ނެދަލޭންޑްސްގެ ސަފީރު ވެސް ރައީސް އޮފީހަށް ވަޑައިގެންނެވީ ސަގާފީ ހެވިކަމުގެ ލަޝްކަރާއެކު ރަސްމީ އިއްޒަތުގައެވެ.

މި ތިން ގައުމުގެ އައު ސަފީރުން ފަތްކޮޅު އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އައު ސަފީރުންނަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *