ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާއަށް، ޝަރީއަތުގެ މަޖިލީހުގައި ދެ މީހުން މިއަދުވެސް އިންކާރުކޮށްފިއެވެ.
ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާ ސާފުކޮށްދިނުމަށްފަހު ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި، ދެ މީހުންވެސް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ. ދައުވާއަށް އިންކާރުކުރުމާ ގުޅިގެން، މި މައްސަލައިގައި ދެން އޮންނާނީ ދެ ފަރާތުން ޝަރީއަތަށް ހެކި ހުށަހެޅުމުގެ މަރުހަލާއެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުން މީގެ ކުރިން ވަނީ 'އަދަދު' ނޫހުގެ އޮފީހަށް ވަދެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފައެވެ. އެ ތަހުގީގުގެ ތެރެއިން މަސްދަރު ހާމަނުކުރުމުގެ ގޮތުން ޕާސްވޯޑު ނުދިނުމުން ބައެއް މައްސަލަތައް އުފެދުނުކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ކޯޓުގެ އަމުރާ ޚިލާފުވިކަމަށް ބުނެ އެ ނޫހުގެ އެހެން ދެ ނޫސްވެރިއަކު މީގެ ކުރިން ޖަލަށްލާފައިވީ ނަމަވެސް، އެ ދެ ނޫސްވެރިން މިހާރު ވަނީ މިނިވަންވެފައެވެ.


