Tuesday, 28 July 2026
2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާ -- ފޮޓޯ: މަޖިލިސް

ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފައިސާ އުނިކުރުމަށްފަހުވެސް ނުދައްކާ އޮތް މައްސަލަ މަޖިލީހަށް

ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ އުނިކުރުމަށްފަހު، އެ ފައިސާ ޕެންޝަން ފަންޑަށް ޖަމާނުކޮށް 19 މަސް ދުވަސް ވެފައިވާ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މި މައްސަލަ ހުށަހަޅުއްވާ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އޭނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ވެމްކޯއިން އެންމެ ފަހުން މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކޮށްފައިވަނީ އޮކްޓޯބަރު 16، 2024 ގައި ކަމަށެވެ. އަދި މުވައްޒަފުންގެ މުސާރައިން ގަވާއިދުން ޕެންޝަން ބައި ކަނޑަމުންދިޔަ ނަމަވެސް، އެ ފައިސާ ފަންޑަށް ޖަމާނުކުރުމުގެ ސަބަބުން މުވައްޒަފުންނަށް ލިބެންޖެހޭ ގިނަ މަންފާތަކަކުން މަހުރޫމުވަމުންދާކަން މެންބަރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ޕެންޝަން ފަންޑުން ލިބޭ އިންވެސްޓްމަންޓް ފައިދާ އާއި، ގެދޮރުވެރިކަމުގެ ލޯނުތަކަށް ފަންޑު ރަހުނުކުރުން ފަދަ ޒަރޫރީ މާލީ މަންފާތައް ހިމެނެއެވެ.

މެންބަރުގެ ސިޓީގައި ބަޔާންކޮށްފައިވަނީ މާލީ ދަތިތަކަކީ މުވައްޒަފުންގެ އަސާސީ ހައްގުތަކާއި ގާނޫނީ އިލްތިޒާމްތައް ހިފެހެއްޓުމަށް ދެއްކޭނެ ގާނޫނީ ހުއްޖަތެއް ނޫންކަމަށެވެ. އަދި ޕެންޝަން ލިބުމަކީ ގާނޫނުއަސާސީގެ 38 ވަނަ މާއްދާ އާއި ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ގާނޫނުގެ ދަށުން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާއިރު، މިކަމުގައި ޕެންޝަން އޮފީހުގެ އިސްވެރިން ޒިންމާދާރުކުރުވުމަށް މެންބަރު ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން، ނުދައްކާ ހުރި ފައިސާ އެންމެ އަވަހަށް ދައްކާާނެ ތަފްސީލީ ޕްލޭނެއް މަޖިލީހަށް ހުށަހެޅުމަށް ވެމްކޯއަށް އެންގުމަށްވެސް އެސްއޯއީ ކޮމިޓީގައި ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލައާ ގުޅިގެން ވެމްކޯއިން މީގެ ކުރިން ބުނެފައިވަނީ، ޕެންޝަން ފައިސާ ޖަމާކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވަނީ ކުންފުންޏަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރުމުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *