Tuesday, 28 July 2026
ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ---

މުސްތަގުބަލުގައި ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް ނިޒާމުގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން: ވަޒީރު ޤީލާ

މުސްތަގުބަލުގައި ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް ނިޒާމުގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުންކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކަތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވެފައި، ކާބޯތަކެތި ރާއްޖެއަށް އެތެރެކޮށް ރައްކާތެރިކަމާއެކު އެކި ސަރަހައްދުތަކަށް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގާނޫނީ އޮނގަނޑު ހަރުދަނާކޮށް، ލެބޯޓަރީތަކުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ކާބޯތަކެތީގެ ނުރައްކާތައް މޮނިޓާ ކުރާނެ ނިޒާމުތައް ގާއިމުކުރުމަށް އިސްކަންދެމުންދާކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގައި ސިއްހީ ދާއިރާއާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ގުޅިގެން މަސައްކަތް ކުރާ މިންވަރު މުސްތަގުބަލުގައި އިތުރުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމަށް އާންމުން ހޭލުންތެރިކުރުވުމަކީ ވުޒާރާއިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

ޒަމާނީ ޑިޖިޓަލް ނިޒާމެއްގެ މުހިންމުކަނވަޒީރު ޤީލާ ޢަލީ ވިދާޅުވީ އަމާޒަކީ ޒަމާނީ ޑިޖިޓަލް ނިޒާމެއްގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. "އެގޮތުން ކަމެއް ދިމާވާ ހިނދު އަވަސް ފިޔަވަޅުތަކެއް އެޅުމާއި، ލެބޯޓަރީ ވިއުގަ ފުޅާކުރުމާއި، ދައުލަތާއި އަމިއްލަ ފަރާތްތަކުގެ ގުޅުން ބަދަހިކުރުމަކީ އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް. މީގެ ސަބަބުން ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް މަދުވެ، ވިޔަފާރީގެ އާއްމު ފުރުސަތުތަކަށް މަގު ފަހިވާނެ،" ވަޒީރު ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ސިއްހީ ކަމެއް ނޫންކަމަށާއި، އެއީ ގައުމީ ޒިންމާއެއްކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ ރާއްޖޭގެ ކޮންމެ ސުފުރާއެއްގައި ހުންނަ ކެއުމަކީ ރައްކާތެރި އެއްޗެއްކަން ކަށަވަރު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *