Tuesday, 28 July 2026
މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢު (ފުރަތަމަ ފިޔަވަހި) -- ފޮޓޯ: އެމްޓީސީސީ

ތާރުއެޅުމަށް މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު މާދަމާއިން ފެށިގެން ބަންދުކުރަނީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށްޓަކައި، މިއަދު މެންދަމު 00:00 އިން ފެށިގެން އެ ސަރަހައްދުގެ މަގުތައް އެއްކޮށް ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މަސައްކަތް ނިމެންދެން، އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ބޮޑުތަކުރުފާނުމަގުގެ ބައި އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ. މިކަމާ ގުޅޭގޮތުން ބަންދުވާ ސަރަހައްދު ސާފުކޮށްދޭ ޗާޓެއްވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ ސެގްމަންޓް 4 ގެ ސަބް-ގްރޭޑިންގ މަސައްކަތްތަކެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓާ އެމްޓީސީސީން ވިދާޅުވީ، މަޝްރޫއުގެ ދަށުން ކުރަންޖެހޭ ނަރުދަމާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ދުވާރު ހެދުމާއި، ފެން ހޮޅި އެޅުމާއި، ކާބްސްޓޯން ޖެހުމުގެ އިތުރުން ކޭބަލް ޖަންކްޝަންތަކުގެ މަސައްކަތުގެ 52 އިންސައްތަ މިހާރު ވަނީ ނިންމާލެވިފައެވެ.

މަޝްރޫއުގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، އަންނަ ހަފުތާގެ ތެރޭގައި ނަރުދަމާ އާއި ފެނުގެ އާ ކަނެކްޝަންތައް ދީ ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.

މީގެ އިތުރުން، މާލޭގައި ފެންބޮޑުވުން ހައްލުކުރުމަށް ގާއިމުކުރާ ސްޓޯމްވޯޓަރ ޕަމްޕް ސްޓޭޝަންގެ މަސައްކަތް ޖޫން މަހުގެ މެދުތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *