Tuesday, 28 July 2026
މާފަންނުއެސްޓީއޯ، ---ފޮޓޯ: ކޯޕަރޭޓް މޯލްޑިވެސް

އެސްޓީއޯގެ ހުރިހާ ފާމަސީތަކެއް އަންނަ މަހުން ފެށިގެން ބޭސް ކުންފުނީގެ ދަށަށް

އެސްޓީއޯގެ ދަށުން މިހާތަނަށް ހިންގަމުން އައި ބޭސް ފިހާރަތައް، އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދައުލަތުގެ ބޭސް ކުންފުނީގެ ދަށަށް ރަސްމީކޮށް ބަދަލުކުރުމަށް ނިންމައިފިއެވެ. މި ބަދަލަކީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

ދައުލަތުގެ ބޭސް ކުންފުނީގެ މޭނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، އެސްޓީއޯގެ ދަށުގައި ހުރި 193 ފާމަސީއާއި، އައިޖީއެމްއެޗްގައި އަލަށް ހުޅުވި ފާމަސީއާއެކު ޖުމްލަ 194 ފާމަސީ އަންނަ މަހުން ފެށިގެން އެ ކުންފުނީގެ ދަށުން ހިންގަން ފަށާނެ ކަމަށެވެ. މިހާރު ކުރިއަށްދަނީ އެ ތަންތަނަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ފޯރުކޮށްދިނުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.

"މި މަސައްކަތް ދަނީ ކުރިއަށް، ޖުލައި މަހުގެ ކުރިން އެބައި ފުރިހަމަ ކުރެވޭނެ،" ޝާހު ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގައި އެ ކުންފުންޏަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދެއެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި މި ކުންފުނި އުފެއްދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި ކުންފުނީގެ މައިގަނޑު މަގްސަދަކީ ރާއްޖެއަށް ބޭނުންވާ ޑޮކްޓަރީ ބޭހާއި، މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެތަކެތި ފަސޭހައިން ލިބޭނެ ނިޒާމެއް ގާއިމުކުރުމެވެ.

ބޭހާއި ސިއްހީ ސާމާނަށް އޯޑަރު ކުރުމަށާއި، އެހީތެރިކަން ހޯދުމަށްޓަކައި އެ ކުންފުނިން ވަނީ ޚާއްސަ ހޮޓްލައިން ނަންބަރެއް ކަމަށްވާ 1505 ތައާރަފުކޮށްފައެވެ. މީގެ އިތުރުން ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށްވެސް މިހާރު ބޭހަށް އޯޑަރު ކުރެވޭނެއެވެ. ޑރ. ޝާހު ވަނީ ބޭސް ހޯދުމުގައި ދަތިވާ ފަރާތްތަކުން މި ވަސީލަތްތަކުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *