Tuesday, 28 July 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު -- ފޮޓޯ: އެކަސް

ޕާޓީ ބަދަލުކުރި މައްސަލައިގައި ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު ސަސްޕެންޑްކޮށްފި

ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އިންތިހާބުވެވަޑައިގަތުމަށްފަހު، އިދިކޮޅު އެމްޑީޕީއަށް ސޮއިކުރެއްވި މައްސަލައިގައި ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑް ކޮށްފިއެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މި ފިޔަވަޅު އަޅާފައިވަނީ އެ ކައުންސިލްގެ ނައިބު ރައީސް ސާމިރު އަހުމަދަށް ފޮނުވި ސިޓީއެއް މެދުވެރިކޮށެވެ.

އެލްޖީއޭގެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ އޮތޯރިޓީގެ ބޯޑުން ވަކި ގޮތެއް ނިންމައި އަންގަންދެން ޝުޖާއު ކައުންސިލްގެ އިދާރާއަށް ނުނިކުތުމަށާއި މަސްއޫލިއްޔަތުތަކުން އެކަހެރިވުމަށް ވަނީ އަންގާފައެވެ. އަދި މި މުއްދަތުގައި ކައުންސިލް ހިންގުމުގެ އެންމެހާ ކަންކަމާ ވަގުތީގޮތުން ހަވާލުވުމަށް ނައިބު ރައީސް ސާމިރަށް ވަނީ އަމުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ޝުޖާއު އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އާ އިސްލާހުގައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވާ ކައުންސިލަރަކު ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފިނަމަ އެ މީހެއްގެ ގޮނޑި ގެއްލޭނެއެވެ. ނަމަވެސް، އެމްޑީޕީގެ ޓިކެޓުގައި ހޮވުނު ބައެއް ކައުންސިލަރުން ސަރުކާރު ހިންގާ ޕީއެންސީއަށް ބަދަލުވެފައިވީ ނަމަވެސް، އެ ފަރާތްތަކާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.

ޝުޖާއު އަކީ މީގެ ކުރިން ވ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ އިންތިހާބުވި ދަ ޑިމޮކްރެޓްސް ޕާޓީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ޕާޓީއެއް ނަމަވެސް، ގާނޫނީ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން މިދިޔަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *