ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް، މިއަދު ހަވީރު 4:00 އިން ފެށިގެން މިރޭގެ 10:00 އާ ހަމައަށެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި، ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ އެ ސަރަހައްދުތަކުގެ ރައްޔިތުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.
Alert white for heavy rain pic.twitter.com/v6JfQDBVJn
— Maldives Meteorology (@MetMaldives) June 5, 2026
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ޚާއްޞަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށާއި، ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.


