Tuesday, 28 July 2026
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރައީސް ފައްޓަވައިދެއްވަނީ / ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ގައުމު ފެހިކުރުމުގެ މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ހުރިހާ ރައްޔިތުން ގުޅިގެން ރާއްޖެ ފެހިކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުމަށް ގޮވާލައްވާފައެވެ. މި ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވީ ތިމާވެށި ރައްކާތެރިކުރުމަކީ ހަމައެކަނި ދައުލަތުގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ ކޮންމެ ފަރުދެއްގެވެސް ޒާތީ މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކެންޖެހޭ ކަމެއް ކަމަށެވެ.

ސަރުކާރުގެ "ދަ ފީޑް އެމްވީ" މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި ރައީސް ވަނީ ކޮޕް-26 ސަމިޓުގައި އެމަނިކުފާނު އިއުލާނުކުރެއްވި ފަސް މިލިއަން ގަސް އިންދުމުގެ ބޮޑު މަޝްރޫއަށް އަލިއަޅުއްވާލައްވާފައެވެ.

"މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަކީ އަޅުގަނޑު ހަމަހުރިހާ ރައްޔިތުންގެ ކިބައިން އެދޭ ކަމެއް. އަދި ހާއްސަކޮށް ޒުވާނުންގެ ކިބައިން އެދެން މިކަމުގައި އިސްނަގައިގެން ރާއްޖޭގައި ގަސް އިންދުމުގެ ހާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް،" ރައީސް ވިދާޅުވިއެވެ.

ތިމާވެށީގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނަވި ހަކަތައަށް ބަދަލުކުރުމުގެ އަމާޒާއި، ރަށްރަށުގައި ހަރުދަނާ ގޮތެއްގައި ކުނި މެނޭޖުކުރެވޭނެ ނިޒާމުތައް ގާއިމުކުރުމަށް ކުރާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގައި އަޑުއުފުލާ އިސް ގައުމެއްކަން ފާހަގަކުރައްވަމުން، މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ރައީސް ޑރ. މުޢިއްޒު އަންނަނީ އެކި މަންސަތަކުގައި ވަކާލާތު ކުރައްވަމުންނެވެ. މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *