ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ މާތް ﷲ ވެރިކަން ދެއްވައިފި ބައެއްގެ އެންމެ އިސް ވާޖިބުކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. "ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން" މި މައުލޫގެ މައްޗަށް މިއަދު އިއްވި ހުތުބާގައި ވަނީ މުންކަރާތެއް ފެނިއްޖެނަމަ އަތުން ނުވަތަ ދުލުން ނުވަތަ ހިތުން އެކަމެއް މަނާކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަން ހަނދާންކޮށްދީފައެވެ.
މިއަދުގެ ހުތުބާގައި ބަޔާންކުރި ގޮތުގައި، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމަކީ އިސްލާމް ދީނުގެ މައިގަނޑު އެއް ސިފައެވެ. ނުބައި ކަންކަމުން މުޖުތަމައު ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ އެންމެންގެ ބޮލުގައި އެޅިފައިވާ ދީނީ އަދި އިޖުތިމާއީ މަސްއޫލިއްޔަތެއްކަން ހަނދާންކޮށްދެމުން، ދިވެހި މުޖުތަމައުގައި މިއަދު ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ހުތުބާގައި ފާހަގަކުރިއެވެ.
ވަކިން ހާއްސަކޮށް، މާތް ﷲ ހުރުމަތްތެރިކުރައްވާފައިވާ މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ހާމަކުރިއެވެ. މިފަދަ ކަންކަން ރަނގަޅުކުރެވޭނީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުގެ އިޖުތިމާއީ މަސްއޫލިއްޔަތު ދަމަހައްޓައިގެންކަމަށް ހުތުބާގައި ބަޔާންކުރިއެވެ.
ހުތުބާ ނިންމާލަމުން، ހަރުދަނާ އަހުލާގީ ޖީލެއް ބިނާކުރުމަށް އެންމެން އަތުގުޅާލުމަށާއި، މައިންބަފައިން ދަރިންނަށް ހެޔޮ ތަރުބިޔަތު ދިނުމަށާއި، މުދައްރިސުންނާއި، ދީނީ ޢިލްމުވެރިންނާއި، ދައުލަތުގެ މަސްއޫލުވެރިން އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އިލްތިމާސްކޮށްފައެވެ.


