Tuesday, 28 July 2026
ފޮޓޯ: އެޗްޑީސީ

ވިނަރެސް ޓަވަރުތައް ބެލެހެއްޓުމަށް މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

ީހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ޓަވަރުތައް ހިންގައި ބެލެހެއްޓުމަށްޓަކައި، އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ މެނޭޖްމަންޓް ކޯޕަރޭޝަންތައް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކުލަވާލައިފިއެވެ. މި ނިޒާމު އެކުލަވާލާފައިވަނީ އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ހިންގުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ވިނަރެސްގެ ޓަވަރުތައް ހިންގުން ހަރުދަނާކުރުމަށްޓަކައި އެޗްޑީސީން ވަނީ މި އިމާރާތްތައް ތިން ’ސްޓްރާޓާ' ނުވަތަ ތިން ބަޔަކަށް ބަހާލާފައެވެ. ކޮންމެ ބަޔަކަށް ވަކި މެނޭޖްމަންޓް ކޯޕަރޭޝަނެއް ވަނީ ކަނޑައަޅާފައެވެ.

މިގޮތުން ސްޓްރާޓާ 1 ގައި ހިމެނެނީ ޓަވަރު 1 އިން 4 އެވެ. ސްޓްރާޓާ 2 ގައި ޓަވަރު 5 އިން 8 ހިމެނޭއިރު، ސްޓްރާޓާ 3 ބަހާލާފައިވަނީ ޓަވަރު 9 އާއި 10 ހިމެނޭ ގޮތަށެވެ. ކޮންމެ ސްޓްރާޓާއެއް ހިންގުމަށްޓަކައި އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އިންތިހާބު ކުރެވޭ ކައުންސިލެއް އޮންނާނެއެވެ. މިހާރު މި ތިން ސްޓްރާޓާގެ ކައުންސިލްތައް އިންތިހާބުކޮށް ނިމިފައިވާ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

މިފަދަ ކޯޕަރޭޝަންތަކެއް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ އިމާރާތްތަކުން ދޭ އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމާއި، ދިގު މުއްދަތަކަށް އިމާރާތްތައް ފެންވަރު ރަނގަޅުކޮށް ބެލެހެއްޓުމެވެ. މިހާރު ކުރިއަށްދަނީ އިމާރާތްތައް ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ މި ކޯޕަރޭޝަންތަކާ ހަވާލުކުރުމުގެ މަސައްކަތެވެ. މި މަރުހަލާގައި އެޗްޑީސީން ދަނީ ކޯޕަރޭޝަންތަކަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެޗްޑީސީން ބުނި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޔާސަތާ އެއްގޮތަށް، ސަރުކާރުގެ އެހެން އެއްމެދު އިމާރާތްތަކުގައި ވެސް މިފަދަ މެނޭޖްމަންޓް ކޯޕަރޭޝަންތައް އުފެއްދުމަކީ އެ ކޯޕަރޭޝަނުގެ އަމާޒެކެވެ. މީގެ ބޭނުމަކީ ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު، އިންތިހާބު ކުރެވޭ ކައުންސިލްތަކެއްގެ ބެލުމުގެ ދަށުން ހައުސިންގް މަޝްރޫއުތައް ހިންގުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *