Tuesday, 28 July 2026
އެމެރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ލީޑް ވެނިއު ޓެކްނޮލޮޖީ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މުޙައްމަދު ޝާހީން-- ފޮޓޯ: ފިޔެސް

ވޯލްޑް ކަޕްގެ އައިޓީ އޮޕަރޭޝަންތައް ބެލެހެއްޓުމުގެ މުހިއްމު ޒިންމާއެއް ދިވެއްސަކަށް

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗު ކުޅޭ ދަނޑު ހިމެނޭހެން، މުހިއްމު ބައެއް ދަނޑުތަކުގެ އައިޓީ އޮޕަރޭޝަންތައް ބެލެހެއްޓުމުގެ އިސް ޒިންމާ ދިވެހި މާހިރަކަށް ލިބިއްޖެއެވެ. މި ޝަރަފުވެރި މަގާމަށް އައްޔަންކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކުގައި އައިޓީގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުންދާ ދިވެހި މާހިރެއް ކަމަށްވާ މުޙައްމަދު ޝާހީނެވެ.

ޝާހީނަކީ ނިއުޔޯކުގައި "ވިޓް ސޮލިއުޝަންސް" ގެ ނަމުގައި ކުންފުންޏެއް އުފައްދައި، ކްލައުޑް އިންފްރަސްޓްރަކްޗާއާއި ސައިބާ ސެކިއުރިޓީގެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ބޭފުޅެކެވެ. އޭނާގެ ކުންފުނީގެ މަސައްކަތްތައް ފާހަގަކުރެވި، ފީފާގެ ފަރާތުން މި ފުރުސަތު ލިބުމުން ފުރަތަމަ ގަބޫލުކުރަންވެސް ދަތިވި ކަމަށާއި، އެއީ ސްކޭމް އީމެއިލެއް ކަމަށް ހީވި ކަމަށް ޝާހީނު "ފިޔެސް" ނޫހަށް ދިން އިޓަވިއުގައި ބުނެފައިވެއެވެ.

ވޯލްޑް ކަޕްގައި ޝާހީނު އަދާކުރާނީ "ލީޑް ވެނިއު ޓެކްނޮލޮޖީ މެނޭޖަރ" ގެ މަގާމެވެ. މި މަގާމުގެ ދަށުން މެޗުތައް ބާއްވާ ދަނޑުތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ފަރުމާކުރުމާއި، އެކި ނިޒާމުތައް ލާމެހިގެން މަސައްކަތްކުރާނެ ގޮތް ރޭވުމާއި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ޕްލޭންތައް ތައްޔާރުކުރުން ހިމެނެއެވެ. މީގެ އިތުރުން މެޗު އޮންނަ ދުވަހު އެއްވެސް މައްސަލައެއް ނުޖެހި އައިޓީ އޮޕަރޭޝަންތައް ކުރިއަށްދާކަން އޭނާ ކަށަވަރުކުރާނެއެވެ.

ޝާހީނު ފާހަގަކުރި ގޮތުގައި، އޭނާގެ މަސައްކަތުގެ ކާމިޔާބީ ވަޒަންކުރެވޭނީ ދަނޑަށް މީހުން ވެއްދުމުގެ ނިޒާމުން ފެށިގެން، ބްރޯޑްކާސްޓިންގ، މުވާސަލާތީ ވިއުގަތައް އަދި ރެފްރީން ބޭނުންކުރާ ޓެކްނޮލޮޖީ އެއްވެސް ބުރޫއެރުމެއް ނެތި މަސައްކަތް ކުރުމުންނެވެ. މިއީ އެތައް މިލިއަން ބަޔަކު ބަލާނެ މުބާރާތަކަށްވާއިރު، މި ނިޒާމުތަކުގެ ރައްކާތެރިކަމާއި ފުރިހަމަކަން ދެމެހެއްޓުމަކީ އޭނާގެ އެންމެ ބޮޑު އެއް ޒިންމާއެވެ.

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ މުގުލުގައި ދިވެއްސަކު ހުރުމަކީ މުޅި ރާއްޖެއަށް ލިބޭ ބޮޑު ފަހުރެކެވެ. ޝާހީނުގެ މި ކާމިޔާބީއަކީ ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހި ޒުވާނުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *